ހުވަދޫ ކަނޑަށް އޮގަސްޓު 5 ވަނަ ދުވަހު އަޑިއަށްދިޔަ “ފްރެންޑް 4” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުން ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މެދުކަނޑާލައިފިއެވެ.
ތިލަފުށިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރި މި ބޯޓު ހާދިސާއާ ކުރިމަތިވެ އަޑިއަށް ދިޔައިރު އޭގައި އަށް މީހުން ތިއްބެވެ. އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ބޯޓުގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫންގެ އިތުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ހިންގި ސާޗް އޮޕަރޭޝަނުން މި ތިން މީހުން ފެނިފައިނުވާތީ މިހާރު ވަނީ އޮޕަރޭޝަން މެދުކަނޑާލާފައެވެ. ނަމަވެސް، މި އޮޕަރޭޝަން މެދުކަނޑާލި ވަކި ތާރީޚެއް އަދި އެންމެ ފަހުން ބެލި ސަރަޙައްދުގެ އިތުރު ތަފްޞީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. އެމްއެންޑީއެފުން މީގެކުރިން ބުނެފައިވަނީ ހުވަދޫ ކަނޑުގެ ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށާއި، ކަނޑުގެ ސަތަހައިން އެމީހުން ފެނުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމަށެވެ.
މި ބޯޓު ފެނިފައިވަނީ ކަނޑުގެ 1,600 މީޓަރަށް ވުރެ ފުން ސަރަޙައްދަކުންނެވެ. މީގެ ސަބަބުން ކަނޑުއަޑިން އެމީހުން ހޯދުމުގެ މަސައްކަތަށާއި މުދާ ނެގުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
އެމްއެންޑީއެފުން ބުނީ މި ސަރަޙައްދުގެ ފުންމިނަކީ ޑައިވަރުންނަށް ރައްކާތެރިކަމާއެކު ފީނޭ މިންވަރަށް ވުރެ މާ ފުން އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް ފީނޭ މިންވަރަށް ވުރެ މާ ފުން ސަރަޙައްދެއް ކަމަށެވެ. އެހެންކަމުން ބޯޓު އޮތް ހިސާބަށް ވާސިލުވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ހާދިސާގައި ގެއްލުނު މީހުންގެ ހަށިގަނޑު އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ.



