ވ. ފުލިދޫގައި ކުރިއަށްދިޔަ ފަތަން ދަސްކޮށްދޭ ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އުމުރުން 39 އަހަރުގެ ދިވެހި އަންހެނަކު އިއްޔެ މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 4:20 ހާއިރު، ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ފެތުމުގެ ސެޝަނެއްގެ ތެރެއިން ފެންބޯން ދިން ވަގުތުކޮޅެއްގައެވެ.
ފުލުހުން ވިދާޅުވީ، އެ ސެޝަނުގައި ބައިވެރިވި އަންހެނަކު މޫދުން އެއްގަމަށް އަރަން އުޅުމުގެ ތެރޭގައި ނޭވާލާން އުނދަގޫވި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު 4:30 ހާއިރު ކަމަށެވެ.
އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ރަށުގެ ޞިއްޙީ މަރުކަޒަށް ގެންދެވުނެވެ. އަދި ފަރުވާ ދެމުންދަނިކޮށް އިއްޔެ އިރުއޮއްސި 6:14 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ޞިއްޙީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މެޑިކަލް ތަޙުލީލުތައް ހެދުމަށްޓަކައި އެ އަންހެންމީހާގެ ހަށިގަނޑު ފަހުން ވަނީ މާލޭގެ އައިޖީއެމްއެޗަށް ގެނެސްފައެވެ. ފުލުހުން ބުނީ މެޑިކަލް އެގްޒަމިނޭޝަނަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑު ޢާއިލާއާ ޙަވާލުކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.



