ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:21 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުދުއްވިގެން ބްރިޖުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަނިޔާވި މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.



