މާލޭގެ މިސްކިތްތަކަކަށް ތަކުރާރުކޮށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލަހިޔާ، ނައުޝާދު މޫސާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ ކުރީކޮޅުގައެވެ.
ކޯޓުން ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ ބަޔާނާއި، އިންސިޑެންޓް ރިޕޯޓާއި، މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ސިޓީތަކުގެ އިތުރުން، ހާދިސާ ހިނގި ވަގުތު އޭނާ ލައިގެން ހުރި އަންނައުނު ފެންނަ ފޮޓޯތައް ހިމެނެއެވެ.
މީގެއިތުރުން، ނައުޝާދަކީ އެހެނިހެން ކުށްތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ފާހަގަކޮށް، އޭނާ ދޫކޮށްލައިފިނަމަ މި ކުށް ތަކުރާރުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ކޯޓުން ވަނީ ބަޔާންކޮށްފައެވެ.
މިސްކިތްތަކަށް ގެއްލުންދިން މައްސަލައިގައި މީގެ ކުރިން ސެޕްޓެމްބަރު 11 ގައި ވެސް ނައުޝާދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ފަހަރު އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މިސްކިތްތަކަށާއި އަޅުކަންކުރާ ތަންތަނަށް ގެއްލުން ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ.



