އަހަރަކަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، އާންމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާ ސަރުކާރުގެ “އަހާ” ފޯރަމް މާދަމާ ރޭ އަލުން ބާއްވަން ނިންމައިފިއެވެ.
މާދަމާ ރޭ ބާއްވާ ފޯރަމްގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރައޫފް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:00 ގައެވެ. ފޯރަމްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމާއި، ސުވާލު ހުށަހެޅުމުގެ ފުރުސަތު ޕީއެސްއެމް އެޕް މެދުވެރިކޮށް އާންމުންނަށް ވަނީ ހުޅުވާލާފައެވެ. ޕީއެސްއެމުން ބުނީ ފޯރަމަށް ސުވާލުތައް ހޮވުމާއި ބައިވެރިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެ އެޕް މެދުވެރިކޮށް ކަމަށެވެ.
“އަހާ” ފޯރަމަކީ ކޮންމެ ދެ މަހުން އެއް މަހު ބޭއްވުމުގެ މަގުސަދުގައި 25 ޖެނުއަރީ 2024 ގައި ތައާރަފުކުރި ފޯރަމެކެވެ. މި ސިލްސިލާގެ އެންމެ ފަހު ފޯރަމް ބާއްވާފައިވަނީ ވޭތުވެދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.



