މި އަހަރުގެ އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ. މި އިމްތިހާނުތައް ކުރިއަށްދާނީ ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު 30 ގެ ނިޔަލަށެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނުތަކަކީ މަތީ ތައުލީމުގައި ކުރިއަށްދާނެ ދާއިރާތައް ނިންމުމުގައި އަދި ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިމްތިހާނުތަކެއް ކަމަށެވެ.
އެމަނިކުފާނު ވަނީ އިމްތިހާނު ހަދާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ އާއިލާތަކުގެ އިތުރުން ސްކޫލުތަކަށް ވެސް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި މަސައްކަތުގެ ނަތީޖާ ފޮނިވެ، ކާމިޔާބީ ލިބުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ އޭލެވެލް އިމްތިހާނުގައި ޖުމްލަ 4،973 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ.
މި އިމްތިހާނުތައް ކުރިއަށްދަނީ ޖުމްލަ 53 ސެންޓަރެއްގައެވެ. އޭގެ ތެރޭގައި މާލޭގެ ހަތަރު ސެންޓަރެއްގައި 3،284 ދަރިވަރުން އަދި އަތޮޅުތެރޭގެ 49 ސެންޓަރެއްގައި 1،689 ދަރިވަރުން އިމްތިހާނު ހަދަމުންދެއެވެ.



