ސަރުކާރުގެ ނެޝަނަލް ފިޓްނަސް ޕްލޭންގެ ދަށުން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާލައިފިއެވެ.
އެޗްޑީސީން އައުޓްޑޯ ޖިމްތައް ގާއިމުކޮށް ނިންމާފައިވަނީ އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ އަދި ބ. ގޮއިދޫގައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ޖިމްތައް ގާއިމުކޮށްފައިވަނީ ޒަމާނީ ފިޓްނަސް އިކުއިޕްމަންޓްތަކާއެކުގައެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކާއި ގަވާއިދުން ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމެވެ.




މި އައުޓްޑޯ ޖިމް މަޝްރޫއަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޖިމެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެޗްޑީސީން ބުނީ ތާވަލާ އެއްގޮތަށް ބާކީ ހުރި ރަށްރަށުގެ ޖިމްތައް ނިންމުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ކުންފުނީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން މުޖުތަމައަށް ފައިދާހުރި އިތުރު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.



