ދަރިވަރުން ބިނާކުރުމާއި ދިވެހިރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މުދައްރިސުންނަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، ތައުލީމީ ދާއިރާއަށް މުދައްރިސުން ވެދެއްވާ ހިދުމަތްތަކަށާއި ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި ރައީސް ވަނީ މުދައްރިސުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި ވަޒީފާ އަދާކުރާ މާހައުލު ރަނގަޅުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، އެންމެން ޝާމިލުވާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ތައުލީމީ ނިޒާމެއް ބިނާކުރުމަށާއި ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އެންމެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މުދައްރިސުންނަށް އެއްބާރުލުން ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.



