މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، އުމުރުން 22 އަހަރުގެ އާމިނަ އެމިލީ ނާޒިމް އެވެ. އޭނާއަކީ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ކާރު ޖެހިގެންނެވެ. އެ ހާދިސާ ހިނގި ވަގުތު އެމިލީ ދަތުރުކުރަމުން ދިޔައީ ގްރެބް މެދުވެރިކޮށް ބުކްކޮށްފައިވާ ކާރެއްގައެވެ.
އެ ވަގުތު ކާރުގައި އިތުރު ދިވެހި ދަރިވަރަކު ވެސް އިނެވެ. އެ ދަރިވަރު މި ހާދިސާއިން ސަލާމަތްވެފައިވާއިރު، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
އެމިލީ ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ފުން ހިތާމައާއެކު ތައުޒިޔާ ފޮނުއްވާފައެވެ.



