ރާއްޖެއަށް މީގެ ކުރިން ދުވަހަކުވެސް މުދާ އެތެރެނުކުރާ މިންވަރަށް މުދާ އެތެރެކުރަމުންދާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވަމުން އަންނަ ވަރަކަށް އެތެރެކުރާ މުދަލުގެ މިންވަރު ވެސް އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބެލިނަމަވެސް، ގާތްގަނޑަކަށް 11 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ތިން ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ކޮންސޯޓިއަމެއް އެކުލަވާލާފައިވާއިރު، އަލަށް ގާއިމުކުރާ ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކުން މުއްސަނދިވެފައިވާ ތަނަކަށެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި އައު ބަނދަރުގެ ހިދުމަތްތައް ފުރިހަމައަށް ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ބޭނުންކުރަމުންދާ ބަނދަރަށް ކާގޯގެ މިންވަރު އިތުރުވުމުގެ ސަބަބުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، އެމަނިކުފާނު ވާހަކަދެއްކެވި ވަގުތުވެސް ބަނދަރުގައި 3،000 ކޮންޓޭނަރު ހުރި ކަމަށާއި، އިތުރު 5،000 ކޮންޓޭނަރު ކްލިއަރެންސްގެ މަރުހަލާގައި ހުރި ކަމަށެވެ.
އިމްޕޯޓް އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށާއި، މިކަމުގެ ސަބަބުން ބަނދަރުގެ އުމްރާނީ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ މުހިންމުކަން ހާމަވާ ކަމަށް މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވިއެވެ.



