ހުޅުމާލޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ފުލުހުން ޓޯކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 1:20 ހާއިރު ހުޅުމާލެ ފޭސް 1 ގައެވެ.
ފުލުހުން ވިދާޅުވީ، ދިއްގާމަގުން ބާރު ސްޕީޑުގައި ދެ ސައިކަލެއް ދުއްވާފައި ދަނިކޮށް ފުލުހުން ވަނީ އެ އުޅަނދުތައް މަޑުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެއިން އެއް ސައިކަލު ދުއްވަން އިން މީހާ ވަނީ މަޑުނުކޮށް ބާރު ސްޕީޑުގައި ފިލަން މަސައްކަތް ކޮށްފައެވެ.
އެ ސައިކަލު ފަހުން ފުލުހުން ހުއްޓުވާފައިވަނީ ނިރޮޅުމަގު 11 ކައިރިންނެވެ. އަދި ސައިކަލުގައި ތިބި ދެ މީހުންނާ ސުވާލުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ސައިކަލު ޓޯކޮށްފައިވަނީ މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާފައިވާތީއެވެ.



