ފަރުޟުލު ފަސް ނަމާދު ވަގުތުގައި އަދާ ކުރުމަކީ ހަރުކަށި ފިކުރު ކަމަށް ބުނާމީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީން އަތޮޅުތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަފްތާ ރެސް ޕްރޮގްރާމްގެ ސެޝަނެއްގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނެ ވާހަކަދައްކާފައިވާތީ ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ، ނަމާދު ވަގުތަށް އަދާކުރުމަކީ ކީރިތި ގުރުއާނުގެ ނައްޞުން ލާޒިމްކަމެއް ކަމަށް ވީއިރު އެއީ ހަރުކަށި ކަމެއްކަމަށް ސިފަކުރުމަކީ ގުރުއާނަށް ގޮންޖަހަން މަސައްކަތްކުރުން ކަމަށެވެ. އަދި އެބަޔަކާއިމެދު ދީނީ ވަޙުދަތު ނަގާލުމުގެ ކުށުގައި ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
މިމައްސަލައިގާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ޔޫތު މިނިސްޓްރީން ކުރި މި ޕްރޮގްރާމާއި ގުޅޭ ފޮޓޯތައްވެސް މިހާރު ވަނީ ޑިލީޓްކޮށްފައެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިފަދަ ކަމެއްގެ މައުޟޫމާތު ލިބިފައިނުވާ ކަމަށެވެ.