ސަރުކާރުން ތެލެސީމިއާ ކުދިންނަށް ކޮންމެ މަހަކު ދެމުން އަންނަ މާލީ އެހީގެ ދަށުން، ވޭތުވެދިޔަ ސެޕްޓެމްބަރު މަހު 1.082 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އެޖެންސީގައި 547 ތެލެސީމިއާ ކުދިން ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރޭގައި އެ މަހު އަލަށް ރަޖިސްޓްރީ ކުރި ހަ ކުދިން ވެސް ހިމެނެއެވެ. ސެޕްޓެމްބަރު މަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޖުމްލަ 1،082،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ތެލެސީމިއާ ކުދިންނަށް މަހަކު 2،000 ރުފިޔާ ގެ އިނާޔަތެއް ދޭން ސަރުކާރުން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އެހީ ދެއްވާނެކަން އިޢުލާނު ކުރެއްވީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މި އެލަވަންސް ލިބެނީ ސެންޓަރ ފޯރ ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސް (ސީޓީއެޗް) އިން ބަލަހައްޓާ ޤައުމީ ތެލެސީމިއާ ރަޖިސްޓްރީގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށެވެ.
މާލީ އެހީގެ އިތުރުން ތެލެސީމިއާގެ ފަރުވާ ރަނގަޅުކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލޭ އޮރެންޖް ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި، ޑީއެންއޭ ލެބޯޓްރީ އަދި ޚާއްޞަ ކްލިނިކްތައް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 50 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށްގެންދާއިރު، ކޮންމެ އަހަރަކު ވެސް 10 ކުދިންނަށް މި ފަރުވާ ފޯރުކޮށްދިނުމަށް ވަނީ ރާވާފައެވެ. މި ހުރިހާ މަސައްކަތްތަކެއްގެ މަޤްޞަދަކީ ފަރުވާގެ ނިޒާމު ފަސޭހަކޮށްދީ، ތެލެސީމިއާ ކުދިންނަށް އިތުރު އެހީތެރިކަމާއި ލުއިފަސޭހަކަން ހޯދައިދިނުމެވެ.



