ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ޑިގްރީ އަދި ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ހާސިލުކުރި 113 ދަރިވަރަކު ކޯސް ފުރިހަމަކޮށް، މާލޭގެ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދަސްވެނިވެއްޖެއެވެ.
މި ރަސްމިއްޔާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސްގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތެކެވެ. މި ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ކޯސް ފުރިހަމަކުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޑިގްރީ ޕްރޮގްރާމް ނިންމި 64 ދަރިވަރުންނާއި، ޤުރުއާން ކިޔަވައިދިނުމުގެ ޑިޕްލޮމާ ހާސިލުކުރި 49 ދަރިވަރުންނެވެ.
މި ރަސްމިއްޔާތުގައި ޑިޕްލޮމާ ހާސިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ ސަޢޫދާނެވެ. އަދި ޑިގްރީ ހާސިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ރަސްމިއްޔާތުގައި ވަނީ ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހޯދުމަށް ދަރިވަރުން ކުރި މަސައްކަތްތަކާއި ހޯދި ކާމިޔާބީ ފާހަގަކޮށްފައެވެ.



