ހުޅުމާލެ ފޭސް ދެއެއްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހިންދޫ ކަލާނގެ އެއްގެ ފޮޓޯ އަދި ވީޑިއޯ ޖަހާފައިވާ މައްސަލައެއް ފެންމަތިވެ ފުލުހުން އެ ކަން ބަލަން ފަށައިފިއެވެ.
ފުލުހުން މިފަދަ މައްސަލައެއް ބަލަން ފަށާފައި މިވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ދެ މެންބަރުން ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވެ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ބުނެފައިވަނީ ފޭސް 2 ގެ ސައިޓެއްގައި އިން މިފަދަ ބޯޑެއްގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ކަމާބެހެހޭ މުއައްސަސާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
ކޮންސްޓްރަކްޝަން ސައިޓްގެ ބޭރުގައި ބޮޑު ބޯޑެއްގައި ހިންދޫ ދީނުގެ އަހުލުވެރީން އެ މީހުންގެ ކަލާނގެއެއް ކަމަށް ގަބޫލުކުރާ އެއްޗެއްގެ ނަން ވަނީ ލިޔެފައެވެ. އެގޮތުން އެ ނަން ބޮޑު އަކުރުން ލިޔެ ހަރުކޮށްފައިވާއިރު އެ ބޯޑްގައި އެ ސައިޓަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖްކެޓް ލިމިޑެޓްގެ ތަނެއް ކަމަށް ވަނީ ލިޔެފައެވެ.
މިމައްސަލަ ސޯޝަލް މީޑިއާއަށް ތިލަކޮށްފައިވަނީ ޒަމްޒަމް ފާރިޝްގެ ފޭސްބުކް އެކައުންޓުންނެވެ. އޭނާ ވަނީ އެ ސައިޓްގެ ވީޑިއޯއެއްވެސް މި ޕޯސްޓްގައި ހިއްސާކޮށްފައެވެ.