ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 4 ގެއަކަށާއި 5 ވޯކްޝޮޕްގެ އިތުރުން ގަރާޖަކަށް ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ފުނަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރުއެވެ. އެމްއެންޑީއެފުގެ ފަހުގެ އަޕްޑޭޓުގައި ވާގޮތުން މި އަލިފާންގަނޑު މިހާރުވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އަލިފާން ރޯވި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފަވެ. މީގެ އިތުރުން ކުޅުދުއްފުށިން ފުރައިގެން ދިޔަ އެމްއެންޑީއެފްގެ ފަޔާ ޓީމު ވެސް މިހާރު ވަނީނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.
މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. ނަމަވެސް އެ ހޮސްޕިޓަލުން އިމަޖެންސީ ހާލަތްތަކުގައި ފޯރުކޮށްދޭންޖެހޭ އަވަސް ފަރުވާގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ދަނީ ދެމުންނެވެ.



