- Advertisement -ad image

އެމަރޖެންސީގައި ދިޔަ ކެންސަރު ބަލިމީހަކަށް އައިޖީއެމްއެޗުން އިހުމާލުވި މައްސަލައެއް ފެންމަތިވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗް ހޮސްޕިޓަލަށް އެމަރޖެންސީކޮށް ފަރުވާ ހޯދަން ދިޔަ ކެންސަރު ބަލީގެ ޕޭޝަންޓަކަށް އެ ހޮސްޕިޓަލުން އިހްމާލްވި ކަމަށް އާއިލާއިން ބުނެފި އެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ ބަލިމީހާއަކީ ކެންސަރަށް ފަރުވާ ހޯދަމުން ދާތާ އަހަރުތަކެއް ވެފައިވާމީހެކެވެ. އަދި މި ބަލީގެ ސަބަބުން އޭނާގެ ތިން ގުނަވަނެއް ވެސް ނަގާފައި ވެއެވެ.

މި ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވެގެން އާއިލާއިން މިދިޔަ ބުދަ ދުވަހު އެމަރޖެންސީކޮށް އޭނާ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ނަމަވެސް އީ އާރުން ފަރުވާ ދިނުމުގެ ބަދަލުގައި ޓްރައޭޖުން ވަނީ ކޮންސަލްޓޭޝަން ނަމްބަރެއް ދިނުމަށްފަހު، ބޭރުގައި މަޑުކުރުމަށް އަންގާފަ އެވެ. އަދި ބަލިމީހާ އީއާރަށް ގެންގޮސްދިނުމަށް އާއިލާއިން އެދުމުން ކައުންޓަރު ސްޓާފް ވަނީ އެއީ އެމީހުންނަށް އަންގާފައި އޮތްގޮތް ކަމަށް ބުނެފަ އެވެ.

އޭރު ހޮޑުލެވުމުގެ ސަބަބުން ބަލިމީހާގެ ހާލަތު ގޯސްވެ ހެއަށްވެސް ގޮތްވެފައިވާކަމަށް އާއިލާއިން ބުނެއެވެ. މި ފަރާތަށް ފަރުވާ ދީފައިވަނީ އެމަރޖެންސީގައި އޭޑީކޭއަށް ގެންގޮސް އެ ހޮސްޕިޓަލްގެ އީއާރްގަ އެވެ.

“ރާއްޖޭގައި ކެންސަރު ބަލީގެ ކޭސްތައް މިހާ ގިނައިރު ސަރުކާރުގެ ހޮސްޕިޓަލްތަކުން އެބަޖެހޭ ދޯ ދޭ މިކަހަލަ ހިދުމަތްތައް މިއަށްވުރެ ރަނގަޅުކުރަން. މިއީ އެއްވެސް ބަޔަކަށް ބްލޭމް ކުރަން ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން”. އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ބަލިމީހާގެ އާއިލާއިން ބުނިގޮތުގައި މި ފަރާތަކީ ކޮންމެ ދެ ހަފްތާއަކުން ކީީމޯ ނަގަމުން އަންނަ ފަރާތެކެވެ. އަދި ޓެސްޓްތައް ހެދުމަށްވެސް އައިޖީއެމްއެޗަށް މީގެކުރިން ވެސް ގޮސްފައިވާނޭ ކަމަށް ބުނެފައި ވެއެވެ.

“މި ބައްޔަށް ބޭސްކުރާތާ އަހަރުތަކެއް ވެފައިވާއިރު ސަރުކާރުން އާސަންދަ އަދި އެންސްޕާގެ އެހީ ލިބިފަވޭ. ނަމަވެސް އަބަދު ދާ ހޮސްޕިޓަލަށް އާސަންދައިގެ ފުލް ކަވަރޭޖެއް ނުލިބޭ. މިފަދަ ހާދިސާއެއް ހިނގުމުން އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ކަންކަމަަށް ހޭލުންތެރިވެ ހޮސްޕިޓަލްތަކުގެ މި ހިދުމަތްތައް ރަނގަޅު ކުރަން” އާއިލާ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗަށް ގުޅާލުމުން ބުނީ ކެންސަރު ފަދަ ބަލިތަކަށްވެސް ފަރުވާ ދިނުމަށް ވަކި ހާއްސަ ޕްރޮސީޖަރއެއް ހަމަޖައްސާފައި ނުވާ ނަމަވެސް ހާލުދެރަވެގެން އަންނަ ބަލިމީހަކަށް އެފަދަ ޖަވާބެއް ދީގެން ނުވާނެ ކަމަށެވެ. ހާލު ބޮޑުވެގެން އަންނަ ބަލި މީހުންނަށް އަވަސް ފަރުވާ ދޭންވާނެ ކަމަށާއި އެ ހޮސްޕިޓަލުގައިވެސް އޮންނަނީ އެ އުސޫލު ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

ރާއްޖޭގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު އެކަނިވެސް 100އަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވެއެވެ. ނަމަވެސް މި ބަލިޖެހޭ މީހުންގެ އިންސައްތައާއި އަޅާބަލާއިރު ރާއްޖެއިން މި ބައްޔަށް ލިބެން ހުރި ފަރުވާތަކާއި ވަސީލަތްތައް ވަރަށް މަދެވެ.

ނޯޓް: މި ހަބަރުގައި ބަލިމީހާގެ ނަމާއި އިތުރު މައުލޫމާތު ހިމަނާފައި ނުވަނީ އާއިލާގެ އެދުމުގެ މަތިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ