ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ “ރިވެލި އެވޯޑް” ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެއެވެ.
ރިވެލި އެވޯޑަކީ މުޖުތަމައުގެ އެންމެހައި ފަރުދުން ޝާމިލުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި، އެންމެންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ޝަރަފުވެރި އެވޯޑެކެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް އިސްކަންދެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ތަމުރީނުތައް ފަހިކޮށްދީ، އެންމެން ޝާމިލުވާ ވަޒީފާގެ މާހައުލެއް ބިނާކުރުމަށެވެ. އެގޮތުން، މިހާރުވެސް އެ ކުންފުނީގެ އެކި މަގާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފަކު އަންނަނީ ޚިދުމަތްކުރަމުންނެވެ. އަދި އެފަދަ މުވައްޒަފުންގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަތުމަށްޓަކައި ޚާއްސަ ދެ އެމްބެސެޑަރުން ވެސް ވަނީ އައްޔަންކޮށްފައެވެ.
މީގެ އިތުރުން، އެޗްޑީސީގެ އޮފީސް އިމާރާތަކީ ފަސޭހައިން ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. ވަކިން ޚާއްސަކޮށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަމާލުވެވޭނެ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް ވަނީ ފަރުމާކޮށްފައެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާއިރު، މަގުތަކާއި އާންމު ޕާކުތައް ފަދަ ތަންތަނަކީ ހުރަހެއް ނެތި އެންމެންނަށް ވެސް ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް ޚާއްސަ އިސްކަމެއް ދޭ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި އެވޯޑާ ގުޅިގެން އެޗްޑީސީން ބުނީ، މިއީ ހުޅުމާލެއަކީ އެންމެންނަށް ވެސް ހިތްފަސޭހަ އަދި ޝާމިލު ވެއްޓަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގައި ދެމިއޮންނާނެ ކަމަށެވެ.



