ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް” މަޝްރޫއުގެ މައި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އެސްޓީއޯ އަދި އަބޫދާބީގެ ސާހް ގުރޫޕާ ދެމެދު ސޮއިކޮށްފިއެވެ. މިއީ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި އިގުތިސާދީ މަރުކަޒެއް ގާއިމުކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރެއްވި އިރު، 1976 އިން ފެށިގެން މެރިޓައިމް އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން ޓޫރިޒަމާއި އިގުތިސާދީ އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް އެ ސަރަހައްދު ފުރިހަމައަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގެ އިތުރުން “ވިޝަން 2040” ގެ ދުރު ރާސްތާގެ އިގުތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް އެޅޭ ބިންގަލެކެވެ. އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތްތަކުން އަމަލީ ނަތީޖާއެއް ނުފެނުނު ނަމަވެސް، ރޭ ސޮއިކުރި އެއްބަސްވުމާއެކު މި މަޝްރޫއު އަމަލީ ގޮތުން ކުރިއަށް ގެންދިއުމަށް ހަރުދަނާ ފިޔަވަޅެއް އެޅިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.



