މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު 12 ގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރިތަކުގެ ފައިދާއިން ދައުލަތަށް 1.1 ބިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 654.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 61.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މުއްދަތުގައި ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދެއްކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ. އެ ކުންފުނިން އެކަނިވެސް ނިމުނު ހަފުތާގެ ތެރޭގައި 572.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެއެވެ. ދައުލަތުގެ ވިޔަފާރިތަކުން ލިބުނު ފައިދާ އިތުރުވުމަކީ ޖުމްލަ އާމްދަނީ އުފުލުމަށް ލިބުނު މުހިންމު ބާރެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ހަފުތާއަކު އެއްފަހަރު ޝާއިއުކުރާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 27.4 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން ގޮތްގޮތުން ލިބުނު 8.1 ބިލިއަން ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން، ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ކުރީ އަހަރާ އަޅާބަލާއިރު 64.9 އިންސައްތައިގެ އިތުރުވުމަކާއެކު، ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 528 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.



