ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ހިދުމަތްތަކުން ނަގަމުން އައި ޓެކްސް އުވާލުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ބިލު ފާސްކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ. ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މި ބިލު ހުށަހެޅުއްވީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ނަގަން ފެށި މި ޓެކްސް އަލުން ކަނޑާލުމަށެވެ.
ޓެކްސް ކަނޑާލުމުގެ އިތުރުން، ޓެކުހަށް މަކަރުހަދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު މި އިސްލާހުގެ ދަށުން މީރާއަށް އިތުރަށް ވަނީ ވަރުގަދަކޮށްދީފައެވެ. އެގޮތުން ޓެކްސް ދެއްކުމުން އެއްކިބާވުމަށް ނުވަތަ ނާޖާއިޒު މަންފާއެއް ހޯދުމަށް ކުރާ މުއާމަލާތްތައް ބަލައިނުގަތުމުގެ އިހުތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންދެއެވެ. ޓެކްސް ދައްކަންޖެހޭ މިންވަރު ގަސްދުގައި ކުޑަކުރުމާއި ތާރީހު ފަސްކުރުން ފަދަ އަމަލުތައް ވެސް ބެލެވޭނީ ޓެކުހުން ރެކުމަށް ކުރާ ކަންކަމުގެ ގޮތުގައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގުކުރައްވައި، ގެޒެޓުގައި ޝާއިއުކުރުމުންނެވެ. ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން މި ޓެކްސް ކަނޑާލުމާ ގުޅިގެން، އިންބައުންޑް ޓޫރިޒަމުން ދައުލަތަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ނުލިބި ގެއްލިގެންދާނެ ކަމަށް މާލީ އަންދާޒާތަކުން ދައްކައެވެ.



