ހުޅުމާލޭގައި އަލަށް ތަރައްގީކުރާ މާލެ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސްނީ މުބާރިކާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓާއި ހައިކޯޓު އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ކްރިމިނަލް ކޯޓު، ސިވިލް ކޯޓު، ފެމިލީ ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޒަމާނީ ޖާގަ ތަރައްގީކުރާނެއެވެ.
ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް މި ސަރުކާރުން އިސްކަންދޭއިރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖުޑީޝަރީގެ ބަޖެޓު ވަކިކޮށް، މާލީ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ކުރިން ބޮލަށް ވެއްޓޭ ހާލަތުގައި ހުރި ދުވަސްވީ އިމާރާތްތަކުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު މިހާރު އެހެން އިމާރާތްތަކަށް ބަދަލުކޮށްދީފައިވެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ހުޅުމާލޭގެ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން 2029 ވަނަ އަހަރުގެ ގަޟާއީ އަހަރަށް އެ ތަން ބޭނުންކުރަން ފެށުމަށެވެ.



