އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ ނޮވެންބަރު 17 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ މިންވަރު މަދުކުރުމެވެ. އެގޮތުން އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ ވަނީ 30 އިންސައްތައިން 25 އިންސައްތައަށް ދަށްކޮށްފައެވެ.
އާ އިސްލާހުގައިވާ ގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ މި އުސޫލުން ހިސާބުކުރަން ފަށާނީ 2027 ވަނަ އަހަރަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.



