ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢައްބާސް އިބްރާހިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އަރުވައިފިއެވެ.
މި ޝަރަފު އެމަނިކުފާނަށް އެރުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
ކުޅަދާނަ ލިޔުންތެރިއެއް އަދި ބަސްމޮށުންތެރިއެއްގެ އިތުރުން މޮޅު ތަރުޖަމާނެއްގެ ގޮތުގައި ފާހަގަކުރެވޭ ޢައްބާސް އިބްރާހިމް ވަނީ ދިވެހި އަދަބިއްޔާތަށާއި ނޫސްވެރިކަމަށް 67 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން 1950 ގެ އަހަރުތަކުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގެންނެވި އިރު، މަޖީދިއްޔާ ސުކޫލުގައި އުޅުއްވި ދުވަސްވަރު “ފަތިސް” ނޫސް އަދި ފަހުން “އާފަތިސް” ނަމުގައި އަމިއްލަފުޅު ނޫހެއް ނެރުއްވައި ގިނަ އަހަރުތަކެއް ވަންދެން ހިންގެވިއެވެ. މީގެ އިތުރުން ރޭޑިއޯ މޯލްޑިވްސް ހިންގެވުމުގައާއި ގިނަ އަދަދެއްގެ ވާހަކައާއި މަޒުމޫނު ލިޔުއްވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުގެ ރައީސްކަމުގައި 12 އަހަރު ޚިދުމަތް ކުރެއްވި ދުވަސްވަރު ދިވެހި ބަސްފޮތް ޑިޖިޓަލް ކުރެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ބައްލަވައި ފުރިހަމަކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ.
ޢައްބާސް އިބްރާހިމަކީ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ޤައުމީ އިނާމުގެ އިތުރުން، މިނިވަން 25 ގެ އިނާމާއި ނޫސްވެރިކަމުގެ ރަންގަލަމާއި އަލިމަސްގަލަން އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު (ހަޔާތުގެ އަރުތަ) ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 26 ޖުލައި 2013 ގައެވެ.



