ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި ރަށްތަކުގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމް މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 19 އޯގަސްޓް 2025 ގައި އެޗްޑީސީއާ ހަވާލުކުރި 71 ރަށުގެ އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތުގެ ބައެކެވެ. އެޗްޑީސީން ބުނީ މިހާތަނަށް 50 ރަށެއްގައި ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތް ފުރިހަމަކޮށްފައިވާއިރު، ބާކީ ހުރި 21 ރަށުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ނިންމުމަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ބައެއް ރަށްރަށަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން، ކުރިން ހުރި ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ގައުމީ ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ރައްޔިތުން އަހުލުވެރިކުރުވުން ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.



