ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފ ދަރަނބޫދޫގައި ކުރިން މިސްކިތެއް ގޮތުގައި ބޭނުންކުރި އިމާރާތަކީ ކައުންސިލަށް ގުރުއާން ކުލާހެއް ހިންގުމަށްދީފައިވާ އިމާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ރަށެއްގެ މިސްކިތެއްގައި އިންޑިއާ މަސައްކަތްތެރިންތަކެއް ނިދާ މައްސަލައެއް ފެންމަތިވެފައިމިވަނީ ހުޅުމާލެ ކައުންސިލަރ ޝުޖާއު މިއަދު ސޯޝަލް މީޑިއާއަށް އާއްމުކުރި ވީޑިއޯއެއްގައެވެ.
މިކަމާ ގުޅިގެން މިރޭ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފ ދަރަބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް 2017 ބޭނުން ކުރަން ފެށުމާއެކު ކުރިން އެރަށުގައި ބޭނުންކުރި މިސްކިތް ވަނީ ބަންދުކޮށްފައި ކަމަށެވެ. އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގުމަށް އެރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާއި ގުޅިގެން އެ މިސްކިތް ވަނީ ކައުންސިލުން ގުރުއާން ކުލާހެއް ހިންގުމަށް އެކައުންސިލާ ހަވާލު ކުރެވިފައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކްލާސް ހިންގިކަން އެނގިފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު މިސްކިތް ބަންދު ކުރި ހިސާބުން އެތަން ވަނީ ކައުންސިލާ ހަވާލުކުރެވިފައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.