މިއަދު ފާހަގަ ކުރާ ޔޯގާ ދުވަހާއި ދެކޮޅަށް ޒުވާނުން ގަލޮޅު ދަނޑު ކައިރީ ހިންގި ހަރަކާތުގައި ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނެޝަނަލް ސްޓޭޑިއަމް ކައިރީގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދިވެހި ހަ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ޔޯގާ ދުވަސް ފާހަގަ ކުރާކަން އިއުލާނުކޮށް ބައިވެރިވާން ހުޅުވާލީ ޔޫތު މިނިސްޓްރީންނެވެ. މިކަމާއި ގުޅިގެން ގިނަ އިލްމްވެރިން ވަނީ މިއީ އިސްލާމްދީނުގެ އަސާސްތަކަށް ފުށުއަރާ އެހެންދީނެއްގެ ހަރަކާތްތަކެއް ގެންގުޅޭ ފަދަ ކަމެއް ކަމުން މި އިވެންޓް ކުރިއަށް ގެންދިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ބުނެފައެވެ.
ނަމަވެސް މި ވާހަކަތައް އަޑުނާހާ މިނިސްޓްރީން ވަނީ މިއަދު ގަލޮޅު ދަނޑުގައި މި ހަރަކާތް ހިންގުމަށް މަސައްކަތްކޮށްފައެވެ.