ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 60، ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައެވެ.
މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ.
އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.