ހެލްތް ސެންޓަރުތަކަށް ޑޮކްޓަރުން ބޭނުންވާ އަދަދާއި ޑޮކްޓަރުން ބޭނުންވާ ރަށްރަށްވެސް ކަނޑަ އަޅާނީ މިނިސްޓްރީ އޮފް ހެލްތުން ކަމަށް ހެލްތް މިނިސްޓަރ މުހައްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ، ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ޑޮކްޓަރުންނާއި ނަރުހުން ކަނޑައަޅާނީ ސަރުކާރުގެ އެހެންވުޒާރާތަކުން ބޭނުންވީމާ ނޫން ކަމަށާއި އެ ތަންތަނަށް ސިއްހީ މާހިރުން ކަނޑައަޅާ ފޮނުވުމަކީ ހެލްތް މިނިސްޓްރީގެ މެންޑޭޓުގައި އޮންނަ ކަމެއް ކަމަށެވެ.
ނަސީމު އިތުރަށް ވިދާޅުވީ ހޮސްޕިޓަލެއް އަޅާނަމަ މި ސަރުކާރުން އަޅާނީ އެންމެ ރަނގަޅު ފެންވަރުގައި ކަމަށެވެ. އަދި ސަރުކާރުން އަޅާ ހޮސްޕިޓާތަކަކީ 2040 ވަނަ އަހަރާ ހަމައަށް އެއްވެސް ބަދަލެއް ނުގެނެސް ބޭނުންކުރެވޭނެ ހޮސްޕިޓާތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއިން ހޮސްޕިޓަލެއްގައި އެކްސްޓެންޝަނުގެ މަސައްކަތްވެސް ކުރަންނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.