މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި މިރެއިން ފެށިގެން ހަފުތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި އާއްމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ. ވީމާ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމީ މައުލޫމާތަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.