ބައިނަލް އަގުވާމީ ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި ޝެއިހު ފަޒުލޫން ޝަރުތުތަކަކާއެކު މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.
މިއަދު ބޭއްވި މުއްދަތު މަޖިލީހުން ޝެއިހު ފަޒުލޫން ދޫކޮށްލާފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ބޭރު ގައުމަކަށް ދަތުރުކުރާނަމަ ލިޔުމުން ފުލުހުންނަށް އެކަން އެންގުމަށާއި, އެޑްރެސް އަދި ފޯން ނަމްބަރު ބަދަލުކުރާނަ އެކަންވެސް ފުލުހުންނަށް އެންގުމަށް ޝަރުތުކޮށްފައިވެއެވެ.
ޝެއިހު ފަޒްލޫންގެ ލޯޔަރު އުސްތާޒް ޝަހީދް ވިދާޅުވީ, ޔޯގާ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެހެން ފަރާތްތަކަށް ޝެއިހުންނާއި ދެކޮޅަށް ހެކިބަސް ދިނުމަށް ފުލުހުން ހުށައަޅަމުންދާ ކަމުގެ ކަންބޮޑުވުން މިއަދުގެ އަޑުއެހުމުގައި ޝެއިހް ފަޒްލޫން ފާޅުކުރެއްވި ކަމަށެވެ.
އަދި މިކަމާ ގުޅިގެން ހައްޔަރު ކޮށްފައި ތިބޭ ފަރާތްތަކުގެ ފުށުން އެފަދަ ކަމަކަށް އެދިގެން ނުވާނެ ކަމަށާއި, ހައްޔަރުގައި ތިބި ނަމަވެސް ހައްޔަރީންނާއިމެދު އަމަލުކުރަންވާނީ އިހުސާންތެރިކޮށް ކަމަށް ކޯޓުން ބުނެފައިވާކަމަށް އުސްތާޒް ވިދާޅުވިއެވެ.
ޝެއިހު ފަޒްލޫން ހައްޔަރު ކުރީ ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުން ރޭވުމުގެ ތުހުމަތަށެވެ.