ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިވަރާއި ކައިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހު ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ކޯވިޑާއި ގުޅިގެންނާއި، ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާކަމަށެވެ.
އެހެން ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ މިންވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް އަސަރު ނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤުތިޞޯދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށާއި، ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ، އަންނަ ގުޑުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ ، ރައްޔިތުންނާއިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށެވެ.
ރާއްޖޭގައި މުދަލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ޑޮލަރު ލިބުން ދަތިވުމާއެކު އެސްޓީއޯ ވިއްކަމުންދާ ތެލުގެ އަގު ބޮޑުކޮށްފައިވުމުން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
