ތިލަމާލެ ބްރިޖް ހަދާ ޕްލެޓްފޯމް ފަރަށް އެރިތާ ހަ ދުވަސް ވީއިރުވެސް ނުނަގާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލައިގާ ކަންބޮޑުވުން ފާޅުކޮށް ކުއްލި މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އުޝާމްއެވެ.
އުޝާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ފަރަށް އެރި ތިލަމާލެ ބްރިޖު ޕްލެޓްފޯމް އެ ސަރަހައްދުން ނެގުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިއަދާ ހަމައަށް ކޮށްފައިނުވާ ކަމަށެވެ.
އަދި ބްރިޖު ޕްލެޓްފޯމް ފަރަށް އެރިތާ ހަފްތާއެއް ވާން ދާއިރުވެސް އެ މަސައްކަތް ކުރާ ކުންފުންޏާއެކު އެ މަސައްކަތް ސަރުކާރުން ކުރާތަން ނުފެންނަ ކަމަށާއި އެ ފަރަށް ލިބުނު ގެއްލުން ކުޑަ ކުރުމަށް އެ ޕްލެޓްފޯމް މިހާރުން މިހާރަށް އެތަނުން ނަގަންޖެހޭ ކަމަށެވެ.
އުޝާމް ވިދާޅުވީ މިފަދަ ތިމާވެއްޓާއި ގުޅުން ހުރި ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަންޖެހޭނީ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ބަލައިގެން ވީހާވެސް އެ ގެއްލުންތައް ކުޑަކޮށް ލިބޭނެ ގޮތަކަށް ކަމަށެވެ.
އިންޑިއާގެ ކުންފުންޏަކުން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހު ފަރަށް އެރުމުގެ މިހާދިސާގައި ޕްލެޓްފޯމްގައި މަސައްކަތުގައި އުޅުނު ތިން މީހަކަށް އެކިވަރުގެ އަނިޔާވެ ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.



