ޖިނާއީ މައްސަލަތަކުގެ ތުހުމަތުވާ އެކި މީހުންނަށް އާއްމުން ނިކުމެ ގާނޫނު ތަންފީޒުކުރާ ކުރުން ހުއްޓުވަންޖެހޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތަފާސްހިސާބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ކޮންމެ ކަމެއް ދިމާވުމުން ޢާންމުން ނިކުމެ ގާނޫނު ތަންފީޒުކުރާ މައްސަލައާމެދު ކަންބޮޑުވާ ކަމަށެވެ.
އަދި މިފަދަ ކަންކަން މިހާރު ނުހުއްޓުވައިފިނަމަ ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހޭނެކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި ޕީޖީ ވަނީ މިގޮތަށް އާއްމުން ނިކުމެ ކަންކުރަންޖެހެނީ ރާއްޖޭގައި އޮތް ސިސްޓަމުގެ ތެރެއިން ކުށްކުރާ މީހުންނަށް ފިޔަވަޅުއެޅުން ލަސްވާތީ ކަމަށް އެއްބަސްވެވަޑައިގަންފައެވެ.
ޕީޖީ މިގޮތަށް ވިދާޅުވެފައި މިވަނީ ފަހަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ބައެއް މީހުންނަށް އާއްމުން ނިކުމެ އަނިޔާކޮށް ހަދާފައިވާތީއެވެ. އެގޮތުން ރޭ ވެސް ވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ގާޒީ ސްކޫލްގެ ޓީޗަރަކު ނެރެ އޭނާ އަށް އަނިޔާކޮށް ހަވަރަށްދީފައެވެ.