ހަރުކަށި ފިކުރާއި ދެކޮޅަށް ޖަމާއަތެއް ހެދުމަށް އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ވަހީދު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް އުފައްދާ މި ޖަމާއަތް ނޫނީ ފައުޖުން ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ލާޒިމް ކުރާނެ ކަމަށެވެ.
އަދި ދީނުގެ ނަމުގައި ހައްދު ފަހަނަ އަޅާފައިވާ މީހުން މަރަށް ފަސް ނުޖެހޭ 1400 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައި ވާއިރު އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި، ސިފައިންނާއި، ތަންފީޒީ އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން ހާއްސަ ފައުޖެއް ރަށުތެރެއަށް ނެރެން ޖެހޭ ކަމުގައި ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ ބޭރުގެ ފަރާތްތަކާއި ރާއްޖެއަށް ޒިރާޔަތްކުރާ ފަތުރުވެރިން ވެސް މިފަދަ ނުރައްކާތެރި ފަރާތްތަކުގެ ޝިކާރައަކަށް ވާން ފަށާފައި ވާއިރު، މިފަދަ ކަންކަން ހިންގާ ފަރާތްތަކާއި މިފަދަ ކަންކަމާ ގުޅުން ހުރި ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި މުއައްސަސާތައް ފަހަތު ފަޔަށް ބުރަވެފައި ވާތީ، އައު ހިތްވަރަކާ އެކު އައު އިންތިޒާމެއްގެ ދަށުން މި ނުރައްކާތެރިކަން ފިލުވާލައި ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސިފައިންނާއި ފުލުހުން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށް އޭނާ ވަނީ ގޮވާލާފައެވެ.