ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލުގެ ދިވެހިން ޝައުގުވެރިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މާލެ އާއި ރަށްރަށުގެ ކަރަންޓު ހިދުމަތް ބިލް ކުރުމުގައި ގެންގުޅޭ ތަފާތުތައް ނައްތާލުމުގެ ގަރާރުގެ ބަހުސްގެ ތެރެއިން ނަޝީދުވެސް ހިޔާލު ފާޅުކުރެއްވިއެވެ.
އެގޮތުން ވިދާޅުވީ އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުަޅޭ ރައްޔިތުން ވެރިކަން ކުރާ މާލެއަށް ހިޖުރަ ކުރުން ނުހުއްޓިގެން އުޅޭ މައިގަނޑު ސަބަބަކީ ރަށުގައި މުނިފޫހިފިލުވުމަށް ކުރާނޭ ކަމެއް ނެތުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މާލޭގެ އާރބަން ދިރިއުޅުމަށް މި ޖީލު މާބޮޑަށް ޝައުގުވެރިވާ ކަމަށާއި ރަށްރަށުން ހިޖުރަ ކުރާ މީހުން މަދުނުވާ ކަމީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ތަރައްގީ ގެނެސްދިނުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު މާލެއަށް ހިޖުރަ ކުރަނީ ތައުލީމް ހޯދުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ފެށުނު ދިރާސީ އަހަރު އެކަނިވެސް 1500 އެއްހާ ދަރިވަރުން މާލޭ ސްކޫލްތަކަށް ވައްދާފައިވެއެވެ.