- Advertisement -ad image

ރާނީ އަވަހާރަވުން: ދިވެހި ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވިކަން އިޢުލާނު ކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

ރައީސްގެ ތައުޒިޔާ މެސެޖު

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކު ކަމަށާއި އަދި ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުން ވެސް މިހިތާމައިގައި ބައިވެރިވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި އެކަމަނާގެ 70 އަހަރުފުޅުވީ މޫރިތި ރަނިކަމުގައި، އެކަމަނާގެ ހަޔާތްޕުޅުގައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ވާޖިބު އަދާކުރައްވައި، ދުނިޔެއަށް ބަދަލުތަކެއް ގެނެސްދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ރަނިކަމަކީ، ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަމުގެ އަލިގަދަ ދަންމަރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާނީ އެލިޒަބަތުގެ ކެތްތެރިކަމާއި ވާޖިބުއަދާކުރެއްވުމުގެ މަތިވެރި ސިފަތަކުގެ ޒިކުރާ، ޖީލުތަކަށް ދެމިހުންނަނިވި ގޮތުގައި ދިރިދެމިހުންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާނީ އެލިޒަބަތު 2 ވަނަ ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިރު، އެހަނދާންތަކަކީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޙަޔާތުން މުހިއްމު ހަނދާނެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެކަމަނާގެ ލާމަސީލުހަޔާތްޕުޅުގައި އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގެ ޤައުމުތަކަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ހަނދާންވެސް އައުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، އިނގިރޭސި ޝާހީ ޢާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށާއި ކޮމަންވެލްތުގެ މެމްބަރުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ