މިއަދު މަގުމަތިން ފުލުހުންނަށް ހަމަލާ ދީ ޒަހަމްކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށާއި ހަމަލާ ދިން އެންމެން ހޯދާ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައިފިއެވެ.
ތިން ފުލުހަކަށް ހަމަލާދީ މިއަދު ވަނީ ޒަހަމްކޮށްލާފައެވެ. އަދި ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސީޕީ ވިދާޅުވީ، އެ ތިން ފުލުހުންނަށް ހަމަލާ ދިނީ ޑިއުޓީގައި ތިއްބާ ނޫން ކަމަށާއި ހަމަލާދީފައި ވަނީ ހެންވޭރުގައި އޮންނަ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.
މި މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޓީމުތަކަށް އަންގާފައިވާނެ ކަމަށާއި ފުލުހުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާރުވެސް ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ސީޕީ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށާއި ރާވައިގެން ހިންގާ ކުށްތައް ކުރާ މީހުން ހޯދުމަަށް ކުރާ މަސައްކަތް ފުލުހުން ހުއްޓާނުލާނެ ކަމަށެވެ.،



