ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.
އަދި ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މިމަހުގެ 9 ވަނަ ދުވަހުވެސް ހެންވޭރުގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު ވަނީ އޮފް ޑިއުޓީގައި ތިބި ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.
އަނިޔާ ލިބުނު ފުލުހުންނަށަ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު ސީޕީ ވިދާޅުވީ، ހަމަލާދިން މީހުން ހޯދާ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.



