ޒުވާނުންގެ ދައުރަކީ ގައުމު ހިންގުމުގައި އެންމެ މުހިއްމު ހަކަތަކަން ސާބިތު ކޮށްދެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓު ރައީސް އަބްދުﷲ ޔާމީން ކަމަށް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެނެޓަރ ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމުގައި މުހިއްމު ރައުސޫމާލުން ކަމަށް އަބަދުވެސް ރައީސް ޔާމީން ވިދާޅުވާ ކަމަށާ އަދި ޒުވާނުންނާ މެދު ވިސްނަވާ އެ ޒުވާނުންނަކީ ފުރުސަތު ހޯދައިދީފި ނަމަ ނަތީޖާ ނެރެދޭނެ ބައެއްކަން ރައީސް ޔާމީން ސާބިތުކޮށް ދެއްވި ކަމަށާ އެމަނިކުފާނުގެ ފޯކަސް ގައުމުގެ ޒުވާނުންއިން ނެއްޓިގެން ނުދާނެ ކަން އަބަދުވެސް އަމަލުން ދައްކުވާ ދެއްވާފައިވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.
“ކަން މިހެން ހުރުމުން ޒުވާނުން އެބަޖެހޭ ވަރަށް ދުރަށް ވިސްނުން ހިންގަން. ބަޔަކު ބަހެއް ބުނެލާއިރަށް ހެއްލޭ ބަޔަކަށް ވެގެން ނުވާނެ. ޒުވާނުންނަކީ ގައުމުގެ މައި ބަދަކަމަށްވާއިރު ޒުވާނުްނނަށް ދައްކަމުން ގެންދާ ދަޅަތަކަށް ހެއްލިގެން ނުވާނެ. ޒުވާނުން ބިކަ ކުރީ ކޮންބައެއްކަން ހަނދާން ކުރަން ޖެހޭނެ. ޒުވާނުންގެ ހަކަތައިން މި ގައުމަކީ ދިރުވޭނެކަން ރައީސް ޔާމީން ސާބިތުކޮށްދެއްވި” ހުސެއިން ވިދާޅުވިއެވެ.
ހުސެއިން އިތުރަށް ވިދާޅުވީ، ވެރިކަން ހޯދަން ވީ ވައުދުތައް މަތިންވެސް މިހާރު ގައުމުގެ ވެރިން ހަނދާން ނެތް ކަމަށާ އެގޮތުން މަސްވެރިންނާ ޒުވާނުންނަށް ވީ ވައުދުތައް މެނިފެސްޓޯއާ އެކު ކަނަކަށް ފުނި ޖެހިފައި ހުރި ކަމަށާ ވައުދުތައް ފުއްދުމުގެ ބަދަލުގައި ރައީސް އިބްރާޙިމު މުހައްމަދު ސޯލިހު މިހާރު މަސައްކަތްކުރައްވަނީ ޒިންމާތަކުން ރެކިވަޑައިގެން ފިއްލަވާ ވަޑައިގެންނެވޭނެ ގޮތެއް އޮތް ތޯ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.



