ސަރުކާރުން މަސައްކަތް ކުރަނީ ޖީއެމްއާރުގެ ދެވަނަ ހިޔަންޏެއް ރާއްޖޭގައި ގާއިމުކުރަން ކަމަށާއި ހަނިމާދޫ އެއަރޕޯޓު އިންޑިއާ އަށް ދޭން އުޅެނީ އެ ބޭނުމުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ބާއްވަމުން އަންނަ ސިލްސާ ޖަލްސާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ސަރުކާރުން ނެގި 132 މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާއިން މުޅިން އަލަށް ހަތް ރަށެއްގައި އެއާޕޯޓް އެޅޭނެ ކަމަށެވެ.
އަދި ހަނިމާދޫ އެއަރޕޯޓް ހެދުމަށް ވެފައިވާ އެއްބަސްވުންވެސް ނުވެސް ދެއްކި ކަމަށާއި އެ ކޮންޓްރެކްޓް މަޖިލީހަށް ވެސް ނުގެންނަ ކަމަށެވެ.
ސައީދު ވިދާޅުވީ ހަނިމާދު އެއާޕޯޓު ތަރައްގީކުރަން ކަމަށްބުނެ ސަރުކާރުން ނެގި 132 މިލިއަން ޑޮލަރުން ކުރަނީ ކޮންކަމެއްކަން ސާފުކޮށް ސަރުކާރުން ބުނެނުދޭ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ..
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްއް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.



