- Advertisement -ad image

ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއް، ދެ ގައުމުގެ ގުޅުން ދާނީ ބަދަހިވަމުން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއިއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށް ވިދާަޅުވިއެވެ.
އަދި ދިވެހިރާއްޖެއާ ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށްވެސް ޔަޤީން ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިން ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ ތާރީޚީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުންވެސް އެއްޤައުމު އަނެއްޤައުމުގެ އިސްތިޤުލާލަށް ކުރާ އިޙްތިރާމަކީ، ދެޤައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާކަމަށާއި، ފާއިތުވި 50 އަހަރުވެސް ރާއްޖެއާ ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޙުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގުތާރީޚެއް އޮތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާއިން ނުހަނު ބޮޑު ޙިއްޞާއެއް ވެދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން މިއެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނޭ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކިހިނެއްބާ މިވަނީ ކުރިން މިސަރުކާރުން ބުނީ ޗައިނާޔަކީ މިގައުމު ދަރަނި ވެރި ކުރާ ބަޔެކޭ މިހާރު ކިޔަނީ ޗައިނާޔަކީ މުހިއްމު ބައިވެރިޔަކޯ ދެއިރު ދެދަޅަޔައް ކުލަބަދަލުވަނީ ކީއްވެބާ މުޅިނވެސް އުބަޢް ޖަހަނީ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ