މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ‘ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު’ އިފްތިތާހުކޮށް މީޑިއާތަކުން އެންޑޯސްކޮށް ސޮއުލިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.
މިއީ ދިވެހި މީޑިއާއިން ޢަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން، އެކުލަވައިލާފައިވާ “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އެވެ. މީޑިއާ ކައުންސިލުން ބުނެފައިވަނީ ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަޚްލާޤީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކަށައެޅި “ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑަ”ކީ 31 ޖަނަވަރީ 2011ގައި އެކުލަވައިލި މިންގަނޑެކެވެ. ނަމަވެސް ބައެއް މާއްދާތައް އިތުރުކޮށް އިސްލާހުކޮށްފައި ވަނީ އެޑިޓަރުންގެ މަޝްވަރާއާ އެކުގައެވެ.
ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތައް ކަމަށް “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” ގައި ބަޔާންކޮށްފައި ވަނީ:
އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.
އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން.
ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.
ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން، މިއެވެ.
މިއަދު މި ސޮއިކުރި “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑާ” އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެ މީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލުމަކީ މުހިއްމުކަމެއް ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.



