- Advertisement -ad image

އައްޑޫ ސިޓީގައި އަންހެން ދެ ފުލުހަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ޕޮލިސް ސްޓޭޝަނުން ބޭރަށް އަންހެނުންތަކެއް ނެރެން މަސައްކަތް ކުރި އަންހެން ދެ ފުލުހަކަށް އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަަށައިފިއެވެ.
އެގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި ދެ ފުލުހުންނަށް އަނިޔާވީ މިމަހުގެ 14 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މިއީ އައްޑޫގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރި ގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭތީ ހުއްޓުވައި ސުވާލުކުރި ކަމަށެވެ.
ފުލުހުން އޭނާ އާއި ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު ވަނީ ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުންނާއި އަދި ހުއްޓުވި 37 އަހަރުގެ މީހާ އާއި ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކޮށްފައި ކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އެ އަންހެންމީހާ ވަނީ އިތުރު އަންހެނަކާ އެކު ޕޮލިސް ސްޓޭޝަނަށް ވަދެ، އެ ފިރިހެންމީހާ ދޫކޮށްލުމަށް ބުނެ އަޑުގަދަކޮށް ޕޮލިސް ސްޓޭޝަންގެ ތެރޭގައި މަސްލަހަތު ނަގާލާ ހަމަނުޖެހުން ހިންގާފައި ކަމަށެވެ.

މި އަމަލު ހުއްޓުވައި ސުލްހަވެރިކަމާއެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނިކުތުމަށް އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން އެ މީހުން ޕޮލިސް ސްޓޭޝަނުން ނެރުމަށް މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އެމީހުން ނެރުމަށް މަސައްކަތް ކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށާއި މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައިވާއިރު މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތުވެސް ހޯދައި ކަން ހިނގާދިޔަ ގޮތް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ