- Advertisement -ad image

ޗާގޮސް މައްސަލާގައި ދިވެހިރާއްޖޭގެ މަސްލަހަތު ވާނީ އެންމެ ފުރިހަމައަށް ދިފާއުކޮށްފައި: އޭޖީ އޮފީސް

ad image

ގުޅުންހުރި ލިޔުންތައް

ޗާގޮސް މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެއް ކަމަށެވެ.
އަދި 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައި ކަމަށެވެ.
އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ޤައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާ ކަމަށާއި މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެން ކަމަަށްވެސް ބުނެފައިވެއެވެ.
‘ މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކުރެވުނެވެ ‘ އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ދިފާޢު ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ކަންކަމުގެ މައްޗަށެވެ.

މޮރީޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު (Low Tide Elevation ނުވަތަ LTE) ގައި ފެންނަން އޮތް Blenheim Reef (ބްލެންހެމް ރީފް) އިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (CLCS) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީއާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
އަދި، ބުނެވިދިޔަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައިވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ natural prolongation އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.

މި މައްސަލާގައި ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ މިހާރު ނިމިފައިވާކަމަށާއި، އަދި 17 އޮކްޓޯބަރުގައި ފެށުނު ޓްރިބިއުނަލުގެ ހުޅުވާލެވިފައިވާ އަޑުއެހުންތައް 24 އޮކްޓޯބަރުގައި ނިމުމުން ދެން އޮންނާނީ އިތުރު ކަމެއް އޮޅުންފިލުވަން ނެތްނަމަ ދެން އޮންނާނީ ޓްރިބިއުނަލުން ގޮތެއް ނިންމުން ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ، 

އެ އޮފީހުން ބުނި ގޮތުގައި މިފަދަ މައްސަލަތަކުގައި އާންމުކޮށް ނިންމާ ގޮތަށް ބަލާއިރު، މުއާހަދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ހަމަތަކާ އެއްގޮތަށް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ޓްރިބިއުނަލުން ކަނޑައަޅާނެއެވެ. އަދި އެކަމުގައި އަމަލުކުރާ އާންމު އުސޫލަކީ އިކުއިޑިސްޓެންސްގެ އުސޫލުން ބަހައިލުން ކަމަށާއި، އެކަމުގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅި ދިވެހިރާއްޖެއަށް އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ދެން އޭޖީ އޮފީހުން ބުނެފައިވަނީ ޗާގޮސްގެ މައްޗަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތީ ބާރުކަމަށް ރާއްޖެއިން ޤަބޫލުކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރު ނިންމި ނިންމުމަށް ތާއީދުކުރުމަކީ ޓްރިބިއުނަލުގައި ހިނގާ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއްކުރާނެ ކަމެއް ނޫން ކަމަށެވެ. 

އަދި ޗާގޮސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރު ނިމުމަކަށް ގެނެސް، އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރަން އައިސީޖޭއިން ނިންމި ނިންމުމަށް 2019 ވަނަ އަހަރު ވޯޓުނުދިނީ ރާއްޖެއިން ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރަން، ކޮމިޝަން އޮން ކޮންޓިނެންޓަލް ޝެލްފަށް 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާމެދު މޮރިޝަސްއިން ރަސްމީކޮށް ދެކޮޅުހެދުމުން ކަމަށް ބުނެފައިވެއެވެ. 

އަދި އެ ނިންމުން ބަދަލުކުރީ ރާއްޖެއާއި މޮރިޝަސްގެ ގުޅުން އިތުރަށް ބަދަހިވަމުންދާތީ ކަމަށާއި، އެނިންމުން ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއަކުން އަންގަވާފައިވާކަން އޭޖީ ހާމަކުރެއްވި ކަމަށެވެ. އަދި އެއީ ޚާރިޖީ ސިޔާސަތާ ގުޅޭ ކަމަކަށްވާއިރު، ޚާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ)އިން ރައީސަށް އޮންނަ ބާރެއް ކަަމށް އޭޖީ އޮފީހުގެ ބަޔާނުގައި ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ