- Advertisement -ad image

ކީރިތި ގުރުއާނާއި އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއް: މުފްތީ

ad image

ގުޅުންހުރި ލިޔުންތައް


ކީރިތި ގުރުއާނާ އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއް ކަމަށާއި ފިކުރު ބޮޑުވެގެން، މާޔޫސްވެ ކަންބޮޑުވާ މީހާއަށް އެކަންކަން ދިމާވަނީ އީމާންތެރިކަން ބަލިކަށިވެގެން ނޫން ކަމަށް ދީނީ އިލްމްވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ދަރުސްގައި ވާހަކަފުޅުދައްކަވަމުން މުފްތީ މެންކް ވިދާޅުވީ ދުވާލަކު 5 މިނިޓް ޤުރުއާން ކިޔަވާ، ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅުނަމަ އެމީހަކީ އުފާވެރި މީހެއްކަމަށެވެ. މާޔޫސްކަމާއި، ހާސްކަމާއި، ފިކުރުބޮޑުވުމުގެ މައްޗަށް ހުކުރުދުވަހުގެ ރޭ އަލިއަޅުވާލައްވަމުން މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނާ ހައްދަވައި  ހަމައެކަނި ދޫކޮށްލެއްވީ ނޫންކަމަށާއި އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެކަމަށެވެ. އަދި އެލާނގެއީ އިންސާނާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެ އިންސާނާދެކެ ލޯބިވާ ރަސްކަލާނގެކަމަށް ވިދާޅުވިއެވެ.

މާތް ﷲގެ އިރާދަފުޅުންވާން ހުންނަ ކަމެއް ނޭނގޭނެކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނުންނަށް ކޮންމެ ކަމެއްވެސް ލައްވަވާފައިވަނީ އެކަމުގައި ޙިކުމަތްތަކެއް ހުރުމުންކަމަށެވެ. އެގޮތުން އިންސާނާއަށް ކެއުމާއި، ބުއިމާއި، ނިދުން ލައްވާފައިވާއިރު އެކަންކަމަށްވެސް ވަކި ވަގުތުތަކެއް ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ.  ކެއުމާއި ނިދުމުގައި ވަކި ހަމަތަކެއް މާތްﷲ ލައްވާފައިވަނީ އިންސާނާއަށް އެކަމުގައި ލާބައާއި މަންފާ އެކުލެވިފައިވާތީކަމަށް ވިދާޅުވިއެވެ.

ފިކުރުބޮޑުވެގެން، މާޔޫސްވެ ކަންބޮޑުވާ މީހާއަށް އެކަންކަން ދިމާވަނީ އެއީ އީމާންތެރިކަން ބަލިކަށިވެގެން ނޫންކަމަށާއި އެކި މީހުންނަށް މާތްﷲ ކެތްތެރިކަން ލައްވާފައިވަނީ އެކި މިންވަރަށްކަމަށް ވިދާޅުވިއެވެ. އަދި އެކި މީހުން ތަޙައްމަލްކުރާނީ އެކި ކަންކަންކަންކަމަށާއި މިއިން ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ޙިކުމަތެއްވާކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ. އެފަދަ ކޮންމެކަމަށް ހެޔޮ ދަރުމައާއި ސަވާބު ލިބިގެންދާނެކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މުފްތީ މެންކް ވަނީ މި ދަރުސްގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލު ނަންގަވައި ހާސްވުމާއި ކަންބޮޑުވުމަށް ކުރެވޭނެކަންކަމަށް ބައްލަވާލައްވާފައެވެ.

ކަންބޮޑުވެ، ހާސްވެ ދެރަވާ ވަގުތު ކިޔުމަށް ވާރިދުވެފައިވާ ދުޢާތައްވާކަން ފާހަގަކުރައްވާ އެ ދުޢާތަކާއި އެ ދުޢާތަކުގެ މާނަ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވިއެވެ.

ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެއްގެ ގޮތުގައި، ހެނދުނު ތެދުވަން އުނދަގޫ ހާލަތްތައް ދިމާވުމުން، ގަދަކަމުން  ނަމަވެސް ތެދުވުމުގެ މުހިންމުކަމާއި އެންމެ ފުރަތަމަވެސް ފަތިސް ނަމާދުން މުސްލިމުންގެ ދުވަސް ފަށަނީ ކީއްވެގެންކަން އަދި އެކަމުގައިވާ ފައިދާތަކަށް ބައްލަވައިލެއްވިއެވެ.  ހެނދުނު ހޭލައިގެން އެ ކަންނެތްކަމުން ގަދަކަމުންނަމަވެސް ތެދުވާން މަސައްކަތްކުރުމަށް މުފްތީ މެންކް މި ދަރުސްގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.  އެގޮތަށް މަސައްކަތްކުރަން ފެށުމުން މާތްﷲ އެކަމަށް ހިދާޔަތްދެއްވާކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއިއެކު މާތްﷲ ގެ ކިބައިން ކަންނެތްކަމުން ދުރުކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މުޖުތަމަޢުއަށް މުފްތީ ދެއްވި މެސެޖަކީ މިފަދައިން ދިރިއުޅުން ވޭތުކުރާ މީހުންނަށް ވެވުނު މިންވަރަކުން އެހީތެރިވުމުގެ މެސެޖެވެ. އަދި އެހީއަށް ބޭނުންވާ މީހުން އެހީއަށް އެދުމުގެ މުހިންމުކަމެވެ.

މުފްތީ މެންކްގެ މި ދަރުސްގައި ބެލެނިވެރިންނަށްވެސް ވަނީ ވަރަށް ފުރިހަމަ މެސެޖެއް ދެއްވާފައެވެ. އާންމުކޮށް ދަރިންގެ ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވާ ދަނޑިވަޅުތަކުގައި ބެލެނިވެރިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މުފްތީ މެންކް ދެއްވީ ނަސޭހަތަކީ ދަރިން ދައްކާވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށެވެ. އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށެވެ. މިފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ލަފައާއި މަޝްވަރާހޯދުމަށް އެދިވަޑައިގެންނެވިއެވެ.

މި ފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުންނާއި ކުޑަކުދިން އަމިއްލައަށް މަރުވާކަމަށާއި އެކަހަލަ ކަންކަން ދިމާވުމުގައި ބެލެނެވެރިންނަށް އެކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭކަން ފާހަގަކުރައްވާ، ބެލެނެވެރިންނަށް ވަނީ ވަކިން ޙާއްސަކޮށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ދަރިންނަށް ބޭނުންވާ މަޢުލޫމާތުދީ ނުވަތަ އެކުދިންގެ ބޭނުންތައް މައިންބަފައިންނަށް އަދާނުކުރެވިއްޖެނަމަ އެކުދިން ގޯސްމަގަކުން ދާން ފަށާފާނެކަމަށާއި މިފަދަ ހާލަތެއްގައި މައިންބަފައިންނަށް އެކުއްޖާއަށް އެހީތެރިނުވެވިއްޖެނަމަ އެ ކުއްޖަކާ އެންމެ ގާތްބަޔަކު، ނުވަތަ އާއިލާއިން އެކުއްޖާގެ ކަންތައް ގާތުން ބަލައި ރަގަޅަށް އެކުއްޖާއާއިމެދު ރަނގަޅަށް އަމަލުތައް ބަހައްޓަން ޖެހޭކަމަށް ވިދާޅުވިއެވެ.

ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެކި ކަންކަމަށް ޚާއްސަކޮށް ވާރިދުވެފައިވާ ދުޢާތައް ހިތުދަސްކޮށް އެ ދުޢާތައް އަބަދުވެސް ކިޔައި އެކަމުން ބަރާކާތް ލިބިގަންނަން މި ދަރުސްގައިވަނީ އެދިވަޑައިގެންފައެވެ.  އެއީ އެމީހާގެ ރޫހަށް ލިބިގެންދާ ކާނާކަމަށާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމުކަމެއްކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ ކަންބޮޑުވާ ހާލަތްތައް ދިމާވެއްޖެނަމަ މާތްﷲއަށް ދެންނެވުމަށް ނަސޭހަތްތެރިވެވަޑައިގެން، ރަސޫލު ބޭކަލުންނަށް ދިމާވި މިފަދަ ހިތްދަތި ދުވަސްތަކަށް ބައްލަވާލައްވާ މިސާލުދެއްކެވިއެވެ.

ހިތާމައިގެ ޙާލަތްތަކުގައި މާތްﷲއާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދެރަވެފައި ހުއްޓަސް ނަމާދުޤާއިމްކުރުމަށްވެސް މުފްތީ މެންކް ވަނީ ނަސޭހަތްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ