ޓެކްސް ބިލާ ދެކޮޅަށް ޕީޕީއެމް، ޕީއެންސީން މަޖިލިސް ކުރިމަތީ ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމުން އިހުތިޖާޖު ކުރަމުންދަނީ ސަރުކާރުން ޓެކްސް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލު އަށް ވޯޓުއަށް އެހުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވާތީއެވެ.


އިހުތިޖާޖުގެ ބައިވެރިން ގޮވަމުންދަނީ ރައްޔިތުންނަށް މިހާދަތި ދުވަސްވަރެއްގައި ޓެކްސް ބޮޑު ކުރަން ފާސް ނުކޮށް ސިޔާސީ މަގާމުތައް މަދުކޮށް ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމަށެވެ. އިހުތިޖާޖުގެ ބައިވެރިން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) 8 އިންސައްތަ އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 އިންސައްތަ ބޮޑު ކުރުމަށެވެ.
ސަރުކާރުގެ ފަރާތުން މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ޓެކްސް ބޮޑުކުރުމުގެ މި ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީންނެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ބިލު ފާސް ކޮށްފައެވެ.



