ދައުލަތުގެ ރިކަރަންޓު ހަރަދުތައް ފޫބެއްދުމުގެ މަގްސަދުގައި ޓެކްސް ބޮޑުކުރުމާ ދެކޮޅު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މުދަލާ ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރަައްވަމުން މެންބަރު ޝިޔާމް ވިދާޅުވީ، ގައުމުތަކުގައި ޓެކްސް ބޮޑުކުރާއިރު ވަރަށް ގިނަ ކަންތައްތަކަކަށް ރިއާޔަތްކުރާ ކަމަށާއި އޭގެ ތެރޭގައި ގައުމުގެ އިގްތިސާދީ ހާލަތާއި ރައްޔިތުން ދިރިއުޅެމުންދާ ހާލަތައް ބަލާކަމަށެވެ.
ނަމަވެސް ދިވެހި ސަރުކާރުން މުދަލާ ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް ފައިސާ ނުހުރެދާނެތީ، އެ ފައިސާ ހޯދަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ޓެކްސް ބޮޑުކުރުމަކާ ދެކޮޅު ނޫން ކަމަށެވެ.
ދެކޮޅީ ރައްޔިތުން ހާލުގައި ތިއްބައި އަނެއްކާވެސް އެމީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، އިތުރަށް ބިކަކޮށްލަން މަސައްކަތް ކުރާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި ތަރައްގީގެ އެއްވެސް މަޝްރޫއަކަށް އެ ޓެކްސް ފައިސާ ނުދާގޮތަށް ހަމައެކަނި ހަރަދު ފޫބައްދަން ޓެކްސް ނަގާތީ ޝިޔާމް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރާށެވެ. އެގޮތުން ހަރަދުތައް ފޫބެއްދުމަށް ޓެކްސް ބޮޑުކޮށްގެން 3.6 މިލިއަން ރުފިޔާ ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ވެސް އޮތީ ހިމަނާފަ އެވެ.