- Advertisement -ad image

އަސާސީ ހިދުމަތް ދިނުމުގައި ރައްޔިތުން ތަފާތު ނުކުރުން މިއީ ސަރުކާރުގެ އެންމެ އިސް ސިޔާސަތު: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، އިންސާނީ އަސާސީ ހައްގުތަކާއި ގުޅިފައިވާ ޒަރޫރީ ޚިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުންކުރަމުން ދާކަމަށެވެ.
އެގޮތުން މެދުނުކެނޑި ރަށްރަށުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ފާހަގަކުރެއްވެވިއެވެ.
މިދުވަހުގެ މިއަހަރުގެ ޝިއާރަކީ “ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް” މިއެވެ.
ރައީސް ވަނީ މިނިވަންކަމާއި ޢަދުލު އިންޞާފާއި ޞުލްޙަވެރިކަން، މުޖްތަމަޢުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިޙްތިރާމާއި ލޯތްބާއި އިންޞާފާއެކު މުޢަމަލާތު ކޮށްގެންކަމަށާއި، ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިޙްތިރާމާއި މިނިވަންކަމާއި އިންޞާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެންކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވުމުގެ ކުރިން ވަނީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހެނީ މުޖުތަމަޢުގައި ހުރި އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށްކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭކަމަށާއި، އިޖްތިމާޢީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެކަމަށާއި، ދޮށީ ޢުމުރުގެ މީހުންނަށް ޙައްޤުވާ ޢާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭކަމަށާއި، މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމަޢުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާޙައުލެއް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ