ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީންގެ މައްޗަށް މަރުކޮމިޝަނުން ކުރި ދޮގު ތުހުމަތާއި ގުޅިގެން އަބުރުގެ ދައުވާ ކުރަން ނިންމަވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެގޮތުން އަބުރުގެ ދައުވާ ކުރަން ހުށަހަޅައިފައިވަނީ މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސާއި ދެކޮޅަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން މިސްބާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ނިންމީ ރިލްވާން ގެއްލުވާލި މައްސަލައިގައި ހިމެނޭ ތ. އޮމަދޫ، މުހައްމަދު މުނާޒް، ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށް، މަރު ކޮމިޝަންގެ ޕްރެސް ކޮންފަރެންސްގައި މިސްބާހު ވިދާޅުވުމާއި ގުޅިގެންނެވެ. އަދި މިސްބާހު ދައްކައިފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން މިސްބާޙުގެ އެ ވާހަކަތަކަކީ އެއީ ވަކި ފަރާތަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ގޮތުން ރައީސް ޔާމީންގެ އަބުރު ކަތިލާ، ރާވައިގެން ހިންގޭ ސިޔާސީ ސްޓަންޓެއްކަމަށް އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.
އަދި މިޞްބާޙް ޢައްބާސް ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮތު ވާހަކަތަކެއް ދައްކާފައިވާތީ، ރައީސް ޔާމީންގެ އަބުރު ނަގައިލުމުގެ ދަޢުވާ މިޞްބާޙް ޢައްބާސްއާ ދެކޮޅަށް ކުރުމަށްޓަކައި، މައްސަލައިގެ ދަޢުވާ ފޯމު މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށާއި މިކަމުގައި އަޅަންޖެހޭ ޤާނޫނީ އެންމެހައި ފިޔަވަޅެއް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނޫ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.
ވީނުވީ ނޭނގި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައަކީ ކޮންމެ ރިޔާސީ އިްނތިހާބަކާ ދިމާކޮށް އެމްޑީޕިއިން ދައްކަމުންދާ ވާހަކައެކެވެ. މިކަމުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް އަނެއްކާވެސް ރިޟްވާނުގެ މަރު ބޭނުންކުރުން ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.



